އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުން
ރަން މެޑަލް ހޯދި ރާއްޖޭގެ ޤައުމީ ބީޗް ވޮލީބޯޅަ ޓީމުގެ 2 ކުޅުންތެރިން ކަމަށްވާ
އިސްމާއިލް ސާޖިދު އަދި އާދަމް ނަސީމްގެ ޕެއަރ ރާއްޖެ އައުމާއެކު ހޫނު
މަރުހަބާއެއް ކިޔައިފިއެވެ.
މި 2 ކުޅުންތެރިން ހޯދި ކާމިޔާބީ
ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރަސްމިއްޔާތު އޮތް ސަރަހައްދަށް މި 2 ކުޅުންތެރިން އައުމާއެކު އެންމެ ފުރަތަމަ
މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ
އެމްޕަވަރމަންޓް އަޙުމަދު މަހުލޫފްއެވެ. މިނިސްޓަރުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް
ކޮމެޓީގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު އަދި އެކި ކުޅިވަރު އެސޯސިއޭޝަތަކުގެ
އިސްވެރިން ވަނީ ބީޗް ވޮލީބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް ޒުވާނުން މަރުކަޒަށް
ވަޑައިގެންފައެވެ.
ޑިސެމްބަރ މަހުގެ 28 އިން 30 އަށް ބަންގްލަދޭޝްގައި
ކުރިޔަށް ދިޔަ މި މުބާރާތުގައި 6 ޤައުމަކުން ވަނީ ވާދަކޮށްފައެވެ. އަދި ރާއްޖޭން
މި މުބާރާތުން ރަން މެޑަލް ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ޓީމު ނުކުތީ ނޭޕާލްގެ އެއްވަނަ ޕެއާ އާއި ދެކޮޅަށެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި
ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ދެން ވާދަކުރީ ކިރްގިސްތާނާއި ބޫޓާން
އަދި ޕާކިސްތާންއެވެ.