ރަށް ރަށުގައި ތިބި މިނިސްޓްރީގެ ޔޫތު އެސޯސިއޭޓްސް އާ މިނިސްޓަރ ރާފިޢު ބައްދަލުކުރައްވައިފި

29 މޭ 2024

ރާއްޖޭގެ އެކި ރަށް ރަށުގައި ތިބި މިނިސްޓްރީގެ ޔޫތު އެސޯސިއޭޓްސްއާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. 
100 އެއްހާ މުވައްޒަފުންނާ އެއްފަހަރާ މިނިސްޓަރ ބައްދަލުކުރެއްވީ ޒޫމް ކޯލް މެދުވެރިކޮށް އޮންލައިކޮށެވެ. 
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ  ރަށް ރަށުގައި މިނިސްޓްރީއިން ހިންގާ އެކި މަޝްރޫޢުތަަކާއި މަސައްކަތްތައް ރަށްޔިތުންނާ ވީހާވެސް ގާތުން ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ މައިގަނޑު މަސައްކަތްތައް އަމާޒުކުރެވިފައިވާ ގޮތާއި، ސަރުކާރުގެ ކުޅިވަރު ތަސައްވުރުވެސް މިނިސްޓަރު ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ. 
މިދިޔަ ހަ މަސް ދުވަހަށް ބަލާއިރު ކުޅިވަރު ވުޒާރާއިން ކޮށްފައިވާ ކަންކަމާއި، ކުރިއަށް ރޭވިފައިހުރި ގިނަ ކަންކަންވެސް މި ބައްދަލުވުމުގައިވަނީ ހިއްސާކުރެވިފަ އެވެ. 
މީގެ އިތުރުން ރަށް ރަށުގެ ކުޅިވަރުގެ ހާލަތު ރަނގަޅުކޮށް ވީހާވެސް ގިނަ ބަޔަކަށް ކުޅިވަރުގެ ތެރެއިން ފައިދާ އާއި ހިތްހަމަޖެހުން ލިބޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރެއްވުމަށް މިނިސްޓަރު ވަނީ ބައްދަލުވުމުގެ ބައިވެރިން ކިބައިން އެދިވަޑައިގަންނަވާފަ އެވެ.  
މި ބައްދަލުވުމުގައި މިނިސްޓަރ ރާފިޢުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދެ ސްޓޭޓް މިނިސްޓަރުންކަމަށްވާ ޢަބްދުއްރައްޒާޤު އިބްރާހީމް އާއި އިބްރާހިމް އާމިރު ބައިވެރިވެވަޑައިގެންނެވި އެވެ.