ރައީސުލްޖުމްހޫރިއްޔާ، ރ. އިންނަމާދޫ ވޮލީ ކޯޓު ހުުޅުއްވައިދެއްވައިފި އައު

23 ޖެނުއަރީ 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި އެވެ.
ރ. އިންނަމާދޫ ވޮލީ ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ، ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ. މިގޮތުން މީގެ ކުރިން މަސައްކަތްކުރިއަށް ނުގޮސް ހުއްޓިފައިވާ މަޝްރޫޢުތައް ފުރިހަމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި ވަޢުދުފުޅުގެ ދަށުން މި ސަރުކާރުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންގޮސް ފުރިހަމަކޮށްފަ އެެވެ.
އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކެބިނެޓްގެ އެހެން ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ.
އެގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ވަސީލަތްތައް ގާއިމުކުރުމާއި ކުޅިވަރު ދަނޑުތަކުގެ މަރާމާތުކުރުމަށް މިދިޔަ އަހަރު އެކަނިވެސް 255 މިލިއަން ރުފިޔާ ސަރުކާރުންވަނީ ހޭދަކޮށްފަ އެވެ.