ރ. މީދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ރާފިޢު މަޝްވަރާ ކުރައްވައިފި

11 ޖެނުއަރީ 2025

ރ. މީދޫ ކައުންސިލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ރަށުގެ ކުޅިވަރު ހާލަތާއި ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މަޝްވަރާ ކުރައްވައިފި އެވެ. 
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް އާއި އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އާސިމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. 
މި ބައްދަލުވުމުގައި މީދޫގެ ކުޅިވަރުގެ ހާލަތު ކައުންސިލުން ވަނީ ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފަ އެވެ. އަދި މީގެ އިތުރުން އެރަށަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި، މިވަގުތު ހުރި ވަސީލަތްތަކުގެ ހާލަތުވެސް ހިއްސާކުރެއްވި އެވެ. 
މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގެ ކުޅިވަރަށް ކޮށްދެއްވާނެކަންކަމާއި، ޤާއިމްކޮށްދެއްވާނެ ވަސީލަތްތަކުގެ ތަފްސީލްވެސް ވަޒީރު ރާފިޢު ވަނީ ކައުންސިލާ ހިއްސާކުރައްވާފަ އެވެ.