ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮންނަ ޕެރަލިމްޕިކް ގޭމްސް 2024 ގައި ވާދަކުރާ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފި އެވެ.
ޕެރަލިމްޕިކް ގޭމްސް 2024 އޮންނާނީ އޮގަސްޓް 28 އިން ސެޕްޓެމްބަރު އަށަކަށް ފްރާންސްގަ އެވެ. މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ ދެ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު އެވެ.
ދިވެހިރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ދިވެހިރާއްޖޭގެ ޕެރަ އެތުލީޓުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި އެވެ.
މިވަގުތު ޕެރަލިމްޕިކް އެސޯސިއޭޝަންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަޒީރު މަޝްވަރާކުރެއްވި އެވެ.