ޕެރިސް އޮލިމްޕިކްސްގައި ވާދަކުރާ ފާތިމަޔު ނަބާހާއަށް މިނިސްޓަރު މަރުޙަބާ ވިދާޅުވެއްޖެ

29 މޭ 2024

ޖެހި ޖެހިގެން ދެވަނަ އޮލިމްޕިކްސްގައި ވާދަކުރާ ފާތިމަތު ނަބާހާ އަބްދުރައްޒާގަށް، މިނިސްޓަރ ޢަބްދުﷲ ރާފިޢު މަރުޙަބާާ ވިދާޅުވެއްޖެ އެވެ.
އަންނަ ޖުލައި މަހު އޮންނަ އޮލިމްޕިކްސް ގައި ނަބާހާ ވާދަކުރާނީ ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތެއްގަ އެވެ. އޮލިމްޕިކްސް އިން މިގޮތަށް ފުރުސަތު ލިބެނީ ފާއިތުވެދިޔަ ހަތަރު އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅުންތެރިޔާ ދައްކާ ކުޅުމަށް ބަލާފަ އެވެ. 
ނަބާހާއަށް ޕެރިސް އޮލިމްޕިކްސް އިން ފުރުސަތު ލިބުމާއިއެކު އޭނާވެފައިވަނީ  ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި ބެޑްމިންޓަން ކުޅުންތެރިޔާއަށެވެ. 
ނަބާހާގެ މި ކާމިޔާބީ ފާހަގަކޮށް މިނިސްޓަރ ރާފިޢު ވަނީ ނަބާހާއަށް މަރުޙަބާ ދަންނަވާފަ އެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ބައްދަލުވުމެއްގައި މިނިސްޓަރު ރާފިޢު ވަނީ ބެޑްމިންޓަންގައި ނަބާހާ ހޯދަމުން އަންނަ ކާމިޔާބީ ފާހަގަކޮށްފަ އެވެ. 
މީގެ އިތުރުން ކުރިއަށް އޮތް އޮލިމްޕިކްސް އަށް ނަބާހާގެ ތައްޔާރީތައް ރޭވިފައިވާގޮތް މިނިސްޓަރ ވަނީ އައްސަވާފަ އެވެ. 
ޕެރިސް އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ނަބާހާ ވާދަކުރާއިރު، އިތުރު ތިން ކުޅިވަރެއްގައި ދިވެހި އެތުލީޓުން ވާދަކުރާނެ އެވެ. އެއީ ޓޭބަލް ޓެނިސް، އެތުލެޓިކްސް  އަދި ސްވިމިން އެވެ.