އޮކޯޗާއާއިއެކު އުރީދޫއިން ބޭއްވި ހަރަކާތްތަކުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ބައިވެރިވެވަޑައިގެންފި

09 ޖުލައި 2024

ޕީއެސްޖީގެ ކުރީގެ ތަރި ޖޭ ޖޭ އޮކޯޗާ އާއިއެކު ކުރިއަށްދިޔަ ހަރަކާތްތަކުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ބައިވެރިވެވަޑައިގެންފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްދިޔަ ފުރަތަމަ ހަރަކާތަކީ ސަރުކާރުގެ ކުންފުނިތަކުގެ އިސް ފަރާތްތަކާއި، މީޑިއާގެ މެންބަރުންނާއިއެކު ކުރިއަށްދިޔަ "މީޓް އެންޑް ގްރީޓް" އިވެންޓެވެ. މި އިވެންޓުގައި އޮކޯޗާއާ ބައްދަލުކޮށްލައި، އޭނާއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އެ ފަރާތްތަކަށްވަނީ ދީފަ އެވެ. މި ހަރަކާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ބައިވެރިވެވަޑައިގެން، ފުޓްބޯޅައާ ގުޅުންހުރި ވާހަކަތައް އޮކޯޗާއާ ހިއްސާކުރައްވާފަ އެވެ.
މި ހަރަކާތަށްފަހު ކުރިއަށްދިޔައީ ޓީމް ލެޖެންޑްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ދެމެދުގައި ކުޅުނު ހާއްސަ ފުޓްސަލް މެޗެކެވެ. މި މެޗުގައި އޮކޯޗާ ކުޅުނީ ޓީމް ލެޖެންޑްސްއަށެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވައި ދެ ޓީމްގެ ކުޅުންތެރިންނާ ސަލާމްކުރެއްވީވެސް ކޮމިޝަނާ އެވެ. އަދި މެޗަށްފަހު ދެ ޓީމް ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް އިނާމް ހަވާލްކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް އެވެ.