މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ނ. މިލަދޫގައި ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. ސަން ބްރަދަރ ކުންފުންޏާއި ހަވާލުކޮށްގެން މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ މަސައްކަތަށް ގާތްގަނޑަކަށް އެއް މިލައަން ތިރީސް ފަސް ހާސް ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ. މި މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައެވެ. މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ މިލަދޫ ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް ކަމަށެވެ. ހަމައެހެންމެ މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތް ނިންމާލުމަށް މިލަދޫ ކައުންސިލާއި ޒުވާނުން އަދި މިލަދޫ ހިމެނޭ ހޮޅުދޫ ދާއިރާާގެ މެމްބަރު ޔޫނުސް އަލީ ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.