ނ. ޅޮހީ އައުޓްޑޯ ޖިމްގެ ބިންގާ އަޅުއްވައިފި

24 ޖުލައި 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ނ. ޅޮހީ އައުޓްޑޯ ޖިމް އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ނ. ޅޮހީ އައުޓްޑޯ ޖިމް އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކުޅިވަރު ވަޒީރު ރާފިޢު ޅޮހީގައި ގާއިމުކުރާ މި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވިއިރު، އަރިހުގައި ކައުންސިލްގެ ރައީސް އިބްރާޙީމް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޅޮހީ އައުޓްޑޯ ޖިމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.