ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ނ. ލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ލަންދޫ (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނ. ލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނ. ލަންދޫ އެފްއާރުސީއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.