ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ނ. ހޮޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ހޮޅުދޫ (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނ. ހޮޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުޙައިރުގެ އިތުރުން ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނ. ހޮޅުދޫ އެފްއާރުސީއަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.