ނ. ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި އައު

23 ޖުލައި 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ނ. ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ފޮއްދޫ (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނ. ފޮއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ އާއި ކައުންސިލްގެ ރައީސް މުޙައްމަދު މޫސާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނ. ފޮއްދޫ އެފްއާރުސީއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.