"މޯލްޑިވްސް އޯޕަން 2023 10-ބޯލް ޗެމްޕިއަންޝިޕް" މިނިސްޓަރ އަޙުމަދު މަޚްލޫފް ލޯންޗްކޮށްދެއްވައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ރޭ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަޙްމަދު މަޚްލޫފާއި އެމްޕީބީއޭގެ ރައީސް އަޙްމަދު ނާސިފުގެ އިތުރުން ބިލިއާޑް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އޭޕީއެފްގެ ކަލަންޑަރުގައި އިއުލާނުކޮށްފައިވާ ތާރީޚަކީ މި މަހުގެ 22-26 އަށެވެ.
މި މުބާރާތަށް ކަނޑައަޅާފައިވާ 64 ކުޅުންތެރިންގެ ސްލޮޓުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 16 އެތުލީޓުން ބައިވެރިވާއިރު، ރާއްޖޭގެ 16 އެތުލީޓުންނަށްވެސް މި މުބާރާތުގައި ފުރުސަތު ދޭނެއެވެ.
ޖުމްލަ 130000 އެމެރިކާ ޑޮލަރުގެ އަގު ބޮޑު މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅު 10 ބޯލް އެތުލީޓުންނެވެ. މޯލްޑިވްސް އޯޕަންގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ދޭ ޓްރޮފީގެ އިތުރުން 30000 ޑޮލަރުގެ ފައިސާގެ އިނާމާއި 10 ބޯލް އަދި އޭޕީއެފް ރޭންކިން ޕޮއިންޓް ލިބޭނެއެވެ.