މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަގާމަށް ޢަބްދުﷲ ރާފިޢު ޢައްޔަނު ކުރައްވައިފިއެވެ.
ސްޕޯޓްސް މެޑިކަލްގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003 ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ. ޢަބްދުﷲ ރާފިޢަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވަވާ، އަދި ކަސްރަތާ ހަށިހެޔޮކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މަޤްބޫލު ބޭފުޅެކެވެ.
ޑރ. ރާފިއު އަކީ ރާއްޖޭގެ ބައެއް ކްލަބްތަކާއި ގައުމު ތަމްސީލުކޮށްފައިވާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި މެޑިކަލް ޓީމު ލީޑު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އެންމެ ފަހުން ވާދަކުރި 2015، 2019 އަދި 2023 ވަނަ އަހަރު މެޑިކަލް ޓީމު ލީޑުކުރެއްވީ ރާފިއުއެވެ.
ރާފިއު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރުގެ ޒިންމާ ވެސް މީގެކުރިން ނަންގަވައިފަ އެވެ.
ކުޅިވަރު މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަސައްކަތްތައް ވެސް ހިމެނެ އެވެ. އެ އިދާރާއިން ކުރާނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ 37 ވަނަ މާއްދާގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަގްސަދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލްކުރުމުގެ މަސައްކަތެވެ.