މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ޢަބްދުﷲ ރާފިޢު، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.
މިއަދު ހަވީރު އައްޑޫ ސިޓީ ކައުންސިލް
އިދާރާގައި ކުރިޔަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަބްދުﷲ ރާފިޢު،
އާ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އިބްރާހީމް ޢާމިރު އަދި މުޙައްމަދު ރިޔާޟް ގެ އިތުރުން
ޑެޕިއުޓީ މިނިސްޓަރ އާމިނަތު ޝަޖަން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި ކުޅިވަރު
ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ކުޅިވަރު
ކުޅުމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ ރަށްތަކަށް
ނިސްބަތްވާ ކައުންސިލަރުން ވަނީ އެ ކައުންސިލަރެއް ނިސްބަތްވާ ދާއިރާގައި ހުރި
ކުޅިވަރު ކުޅޭ ތަންތަނުގެ ޚާލަތާއި ދަތިތައް އަދި ވީ އެންމެ އަވަހަކަށް ހައްލު
ހޯދަން ބޭނުންވާ ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި މިނިސްޓަރާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަބްދުﷲ
ރާފިޢު ވަނީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް މިހާރު ދިމާވެފައިވާ
ދަތިތައް ހައްލުކުރުމަށް ވީ އެންމެ އަވަހަކަށް ކުރެވެންހުރި ކަންކަން ކޮށްދެއްވާނެކަމުގެ
ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރ ޢަބްދުﷲ ރާފިޢު، މިހާރު އައްޑޫ
ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމްގެ
އާބާތުރަ ފިލުވައި، ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ރަސްމީކޮށް
ފައްޓަވައިދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެއެވެ. މީގެ އިތުރުން މި
ދަތުރުފުޅުގައި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަނުގެ ޚާލަތު
ބައްލަވާލެއްވުމުގެ އިތުރުން އައްޑޫ ސިޓީގެ ކުޅިވަރު ކްލަބްތަކާއި
ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.