މީގެ ފަހުން ޤައުމީ ޓީމުގެ ކުޅުންތެރިން ވިހެއުމަށްފަހު ކުޅުން ހުއްޓާލަން ވިސްނާކަށް ނުޖެހޭނެ: މިނިސްޓަރ މަޙްލޫފް

24 ނޮވެމްބަރު 2022

މީގެ ފަހުން ޤައުމީ ޓީމުގެ ކުޅުންތެރިން ވިހެއުމަށްފަހު ކުޅުން ހުއްޓާލަން ވިސްނަން ނުޖެހޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ، ޤައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ޓްރެއިނިންގ ކޭމްޕަށް ފުރުމުގެ ކުރިން އެ ކުޅުންތެރިންނާއެކު ނަގާފައިވާ ފޮޓޯ ތަކަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު 1 އަހަރު ނުވާ ދަރިފުޅު އަދި ބެލެނިވެރިއެއް މީގެ ފަހުން ޓީމާއެކު ފޮނުވޭނެ ކަމަށެވެ. އެހެންކަމުން މީގެ ފަހުން ވިއެހުމަށްފަހު ކުޅުން ހުއްޓާލަން ނުވަތަ ކުޅުމާއި ދުރަށްދާން ވިސްނަން ނުޖެހޭނެކަމަށް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ޓްރެއިނިން ކޭމްޕަކަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާއިރު، އަންހެން ޓީމުގެ 4 ކުޅުންތެރިއަކު ސައުދީއަށް ދިޔައީ އެ ކުޅުންތެރިންގެ 1 ނުވާ 4 ކުދިންވެސް ގޮވައިގެންނެވެ.
14 ދުވަހުގެ މި ޓްރެއިނިންގ ކޭމްޕަކީ ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުރާ ތަމްރީނު ދަތުރެކެވެ.