މެޑަލް ހޯދި ޒުވާން ހޭންޑްބޯޅަ ޓީމަށް މިނިސްޓަރ މަރުޙަބާ ދަންނަވައިފި

16 ޖުލައި 2024

އައިއެޗްއެފް ޓްރޮފީގެ އޭޝިއާ ޒޯންގައި ވާދަކޮށް ތިން ވަނަ ހޯދި 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަރުޙަބާ ދަންނަވައިފި އެވެ.
އިންޑިއާގެ ޖެއިޕޫރުގައި މިމަހުގެ 10 އިން 14 އަށް ކުރިއަށްދިޔަ ހޭންޑްބޯޅަ މުބާރާތުން ދިވެހިރާއްޖެ ތިން ވަނަ ހޯދީ ބްރޮންޒް މެޑަލް މެޗުގައި ނޭޕާލް ބަލިކޮށްގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުގެ އިތުރުން އެ ވުޒާރާގެ ދެ ސްޓޭޓް މިނިސްޓަރުންކަމަށްވާ މުޙައްމަދު ރިޔާޟް އާއި އަބްދުއްރައްޒާގް އިބްރާހިމް އެވެ. މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް އަހުމަދު އިސްމާއިލްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ރާފިޢު ވަނީ ޒުވާން ހޭންޑްބޯޅަ ޓީމުން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކުރައްވާ އެޓީމަށް ހިތްވަރުދެއްވާފަ އެވެ.