މ. މުލަކުގައި ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ދިލްޝާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނައުފަލް އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނިޔާޒްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
1.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްޤީ ކުރި ވޮލީބޯޅަ ކޯޓު އެއްކޮށް ނިންމާ ހަވާލުކުރުމަށް އަހަރެއްހާ ދުވަސް ހޭދަވިއެވެ. މުލަކު ވޮލީބޯޅަ ކޯޓު ހުޅުވިއިރު، ރަނގަޅުފެންވަރުގެ ޓާފް އަޅައި، ފެންސްވެސް ވަނީ ޖަހާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ނުނިމި އަދި ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންގޮސް ފުރިހަމަ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވަނީ ހިންގާފަ އެވެ. މުލަކު ވޮލީބޯޅަ ކޯޓަކީ މިގޮތުން ފުރިހަމަކުރެވުނު މަޝްރޫޢެކެވެ.