ލިވަޕޫލްގެ އެކަޑެމީއެއް ރާއްޖޭގައި ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

20 މޭ 2025

ލިވަޕޫލް ފުޓްބޯލް އެކެޑަމީއެއް ރާއްޖޭގައި ޤާއިމްކުރުމާ ގުޅޭގޮތުން ލިވަޕޫލްގެ މެނޭޖްމަންޓުގެ އިސްވެރިންނާއިއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ލިވަޕޫލް ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސާއާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައެވެ.
ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖައްސައި ޚާއްސަ ކެމްޕެއިނެއް ލޯންޗުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ލިވަޕޫލުން އަންނަނީ އެކުލަބުގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަމުންނެވެ.
ކުޅީވަރު ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އެމްއެމްފީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ އާއި އެމްއެމްޕީއާރްސީގެ ޗެއާމަން އަބްދުﷲ ގިޔާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން ލިވަޕޫލްގެ އެކަޑެމީއެއް ރާއްޖޭގައި ގާއިމްކުރުމަށް މިވަގުތަށް ކުރެވޭނެ މަސައްކަތްތަކާއި، ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ ގުޅޭ މައުލޫމާތުވެސް ވަޒީރު ވަނީ ލިވަޕޫލްގެ މަންދޫބުންނާ ހިއްސާކުރައްވާފައެވެ.
ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ތާރީހީ އެއްބަސްވުމާއި އެކު ރާއްޖެ ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.