ޅ. ނައިފަރު ކައުންސިލާ، ވަަޒީރު ރާފިޢު ބައްދަލުކުރައްވައިފި އައު

07 މޭ 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޅ. ނައިފަރު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ރަމީޒު އާއި ނައިފަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ނައިފަރުގެ ކުޅިވަރު ހާލަތާ ގުޅޭ މައުލޫމާތު ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފަ އެވެ. އަދި މިވަގުތު އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާއި، އެ ރަށަށް ބޭނުންވާ ކުޅިވަރުގެ ކަންކަންވެސް ކައުންސިލުން ހިއްސާކުރެއްވި އެވެ.
މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ ފުޓްބޯޅަ ދަނޑު އަދި އިންޑޯ ކޮމްލެކްސްގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ދާއިރާގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ނިންމާފައިވާ ކަންކަންވެސް ވަޒީރު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ ރަށުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރުމާގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ކުޅިވަރު ވަޒީރު ރާފިޢު ވަނީ ސަރުކާރާއި ކައުންސިލާ ގުޅިގެން މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ގޮތްތަކާއި، މިވަގުތު އެރަށުގެ އެކި މަޝްރޫޢުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.