ކުޅުދުއްފުށި ސިޓީގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފި އައު

24 މޭ 2025

ކުޅުދުއްފުށި ސިޓީގައި "ވޯލްޑް ފުޓްބޯލް ޑޭ" ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ދަނޑުގައި އިއްޔެ ހަވީރު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
"ވޯލްޑް ފުޓްބޯލް ޑޭ" ގެ ކުޅުދުއްފުށި ސިޓީ ހަރަކާތްތަކުގައި 204 ބައިވެރިން ބައިވެރިވެފައިވެއެވެ. މި 204 ބައިވެރީންގެ ތެރެއިން 126 ބައިވެރިންނަކީ ކުޑަކުދިންނެވެ. އަދި 78 މީހުންނަކީ ބެލުންތެރިންނެވެ.
މި ހަރަކާތުގެ ތެރޭގައި ފުޓުބޯޅަ ބޭނުންކޮށްގެން ތަފާތު އެކިއެކި ކުޅިވަރުތައް ކުޅެފައިވެއެވެ.
ރާއްޖޭގައި މުޅިން އަލަށް މިދުވަސް ފާހަގަކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ހުރިހާ އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.