ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް އޭ.އެސް އިންވެސްޓްމެންޓް އާ ހަވާލުކޮށްފި

29 ފެބްރުއަރީ 2024

ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް އޭ.އެސް އިންވެސްޓްމެންޓް އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. އޭ.އެސް އިންވެސްޓްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ސަލީމް އިބްރާހިމް އެވެ.
ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް  އޭ.އެސް އިންވެސްޓްމެންޓް އާ ހަވާލުކޮށްފައިވަނީ 1،166،400.00 (އެއް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަހާސް ހަތަރު ސަތޭކަ ރުފިޔާ) އަށެވެ.
ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭ.އެސް އިންވެސްޓްމެންޓް އާ ހަވާލުކުރި މަސައްކަތްތަކަކީ، ސްޓޭޑިއަމްގެ ސިޑިބަރި  ހިޔާކުރުމަށް ދަގަނޑު ހޮޅިން ހަދާފައިވާ އޮނިގަނޑާއި ފުރާޅު މަރާމާތު ކުރުމެއެވެ، އަދި ޗޭންޖިންގ ރޫމްގައި ވާ ފާހާނާތައް މަރާމާތުކުރުން އަދި ޗޭންޖިންގ ރޫމްތަކުގައި މުށި ޖެހުމާއި ސީލިންގ ކުރުމާއި، އޭސީ ކުރުމުގެ އިތުރުން ޗޭންޖިންގ ރޫމްތަކުގައި ކުލަލުމަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
މި މަސައްކަތް އޭ.އެސް އިންވެސްޓްމެންޓް އާ ހަވާލުކޮށްފައިވަނީ 77 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި 77 ދުވަހުގެ އިތުރުން މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް 14 ދުވަސް އޭ.އެސް އިންވެސްޓްމެންޓް ލިމިޓެޑަށް އިތުރަށް ލިބޭނެ އެވެ.