ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ ބައިނަލްއަގުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާއި ޖެހިގެން އޮންނަ ބިމުގައި ޤާއިމްކުރަމުން އަންނަ އެކުއެޓިކްސް ކޮމްޕްލެކްސްއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރާ ކޮމްޕްލެކްސްއެކެވެ. މި ކޮމްޕްލެކްސްގައި ފެތުމަށް ހާއްސަ ޕޫލަކާއި، ޑައިވް ޕޫލެއްގެ އިތުރުން، 1200 މީހުންނަށް ކުޅިބަލަންތިބެވޭނެ އިންތިޒާމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުން ޖިމަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ރެސްޓޯރަންޓްތަކާއި، ކޮމްޕްލެކްސްގައި ހުންނަންޖެހޭ އެހެނިހެން ޚިދުމަތްތައްވެސް ހިމެނޭނެއެވެ.
ދިވެހި ސަރުކާރާއި، ސްވިމިން އެސޯސިއޭޝަން އަދި އަމިއްލަ ފަރާތަކުން ގުޅިގެން ތަރައްޤީކުރަމުން އަންނަ ކޮމްޕްލެކްސް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ބެލެވެއެވެ.
އެކުއެޓިކް ކޮމްޕްލެކްސްގެ ތަރައްޤީކުރާ ސަރަހައްދަށް ވަޑައިގެން ވަޒީރު ރާފިޢު ވަނީ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ މައި ޕޫލްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.
އަލަށް ގާއިމުކުރާ އަލަށް ގާއިމުކުރާ އެކުއެޓީކް ކޮމްޕްލެކްސްއަށް ބޭނުންވާ ސާމާނު ގެނެސްފައިވަނީ ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެންނެވެ.
ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ ބައިނަލްއަގުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާއިރު، ސްވިމިން އެސޯސިއޭޝަންގެ އަމާޒަކީ މި މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކުރުމެވެ.