ކުޅިވަރު ވަޒީރު، ގައުމީ ވޮލީބޯޅަ ލީގް 2025ގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

27 އޭޕްރީލު 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ގައުމީ ވޮލީބޯޅަ ލީގު 2025ގެ އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ގައުމީ ވޮލީބޯޅަ ލީގު ކަށަވަރުކުރާ މެޗު ރޭ ކުޅެފައިވާއިރު، ވަޒީރު ރާފިޢު ވަނީ ފައިނަލް މެޗު ބައްލަވާލައްވައި، ޗެމްޕިއަން ޓީމަށް އިނާމް ހަވާލްކޮށްދެއްވާފައެވެ.
މި މެޗު ބައްލަވާލެއްވުމަށް ކުޅިވަރު ވަޒީރުގެ އިތުރުން، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި، ކުޅިވަރު ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތުގެ ފަހު މެޗުގައި ވާދަކުރީ ވެމްކޯ އާއި ޕޮލިސް ކްލަބު އެވެ. މި މެޗު ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ފަސް އަހަރަށް ފަހު ހޯދީ ޕޮލިސް ކްލަބުންއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބު ކުރީ 24-26، 17-25، 25-19، 25-23 އަދި 05-15 އިންނެވެ.
ފާއިތުވި އަހަރުތަކުގައި، އަންހެން ވޮލީބޯޅައިގައި ޑޮމިނޭޓްކުރަމުން އައީ ވެމްކޯ އެވެ. ގިނަ މުބާރާތްތައް ވެމްކޯ އިން ކާމިޔާބުކުރީ ޕޮލިސް ބަލިކޮށްފަ އެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕް ފައިނަލަށް ވެސް ޕޮލިހުން މެޗަކުން ބަލިނުވެ ދަތުރުކޮށްފައިވަނިކޮށް، ވެމްކޯ ވަނީ ފައިނަލުގައި މޮޅުވެފައެވެ.