އީގަލްސް ކޮމިއުނިޓީއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "އެންމެން އެކުގައި ސާފުކުރަމާ!" ހަރަކާތް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
"އެންމެން އެކުގައި ސާފުކުރަމާ!" ޕްރޮގްރާމް ފެށުނީ ވެސްޓްޕާކް ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތަކާއެކުގަ އެވެ. މި ރަސްމިއްޔާތުގައި މި އިވެންޓުގެ ހުރިހާ ޕާޓްނަރުންކަމަށްވާ މަންފާ ޖަމިއްޔާ، މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ވެމްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގެ ގިނަ އާންމު ރައްޔިތުންވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިއީ މާލޭ ސިޓީއަށް ވަރަށް ބޭނުންޖެހިފައިވާ ކަމެއްކަމަށާއި، އީގަލްސް ކޮމިއުނިޓީ އިން އިސްނަގައިގެން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިޔުމަކީ އެހެންމީހުން މިސާލު ނަގަންވީކަމެއްކަމަށެވެ.
ވެސްޓްޕާކް ސަރަހައްދު ސާފު ކުރުމުގެ ހަރަކާތް ހެނދުނު ނުވަޔަކުން މެންދުރު 12 ޖަހަންދެން ކުރިއަށްދިޔަ އެވެ. އޭގެ ފަހުން ހަވީރު ހަތަރެއް ޖަހަންދެން ބާ މުސްޙަފުތައް ނެގުމުގެ ހަރަކާތެއް ކުރިއަށްދިޔަ އެވެ. މިގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ނައްތާލަން ޖެހިފައިވާ ބާ މުސްހަފުތައް ގެނެސް މަންފާ ޖަމިއްޔާއާ ހަވާލުކޮށްފަ އެވެ.