ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށް ސޮއިކޮށްފި އައު

31 ޖުލައި 2025

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫޢުއްގައި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް އެ ދެ ކުންފުންޏައި ހަވާލުކުރުމުގެ ރަސްމިއްޔާޓު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ދިލްޝާން އަބްދުﷲ އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ފެނަކައާ ހަވާލުކުރީ ހއ، ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫޢުއެކެވެ. ޢޭގެތެރޭގައި ހިމެނެނީ 4 އައުޓްޑޯ ޖިމް، 3 ފުޓްސަލް ދަނޑު، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓު އަދި 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ ކުޅިވަރުގެ 11 މަޝްރޫޢެކެވެ. އޭގެތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު، 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
އާރުޑީސީއާއި ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ނ، ރ، ކ، ފ، ތ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކުގެ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ މަޝްރޫޢުތަކެވެ.
ކުޅިވަރު ވުޒާރާއިން ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރި 24 މަޝްރޫޢު އަންނަ އަހަރުގެ ތެރޭގައި ނިމޭނެއެވެ.