ބ. އަތޮޅުގެ ރަށްތަކުން އެދިފައިހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދަނީ އެ އަތޮޅުގެ ރައްޔިތުންނާ ގާތުން ޚިޔާލާއި މަޝްވަރާ ހޯދައިގެން، އެ ރައްޔިތުން އެދޭ ގޮތަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބ. ކެންދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގައި ގާއިމު ކުރާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓުތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުގެ އިތުރުން މޮޅެތި ކުޅުންތެރިން އުފެއްދުމަށް ގާއިމުކުރެވޭ ވަސީލަތްތަކެއް ކަމަށެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތައް ކުރިޔަށްދަނީ ބައެއް ޕްރޮޖެކްޓްތައް ސަރުކާރު ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށާއި، އެގޮތުން ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ބަލްކްކޮށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބޭނުންވާ ސާމާނު ގަނޑުކޮށް އެސްޓީއޯ މެދުވެރިކޮށް ގެންނައުމަށް މިނިސްޓްރީ އާއި އެސްޓީއޯގެ ޓީމެއް މިހާރުވެސް ޗައިނާގައި ވެއްޖެ ކަމަށާއި، ރާއްޖެ ފަދަ މާހައުލަކަށް ގިނަދވަހު ބޭނުންކުރެވޭ ކަހަލަ ތަކެތި ހޯދުމުގެ މަސައްކަތް އެޓީމުން ކުރިޔަށް ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަށްރަށުގައި ގާއިމުކުރާ ފިޓްނެސް ސެންޓަރުތަކަކީ ވަރަށް މުހިންމު ތަންތަން ކަމަށާއި އެތަންތަނުގައި ޖިމް އާއި އެރޮބިކްސް ކުލާސްތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ ކަމަށާއި، މީގެ އިތުން ކުލާސްރޫމާއި މީޓީން ރޫމުތައް ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޯޗުންނާއި އޮފިޝަލުން ތަމްރީނުކުރުން ފަދަ ކަންކަމަށް އެކި ފަހަރު މަތިން ބާއްވާ ކޯސްތައް ބޭއްވޭނެ ކުލާސްރޫމުތައްވެސް ފިޓްނެސް ސެންޓަރުތަކުގައި ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.