ކުޅިވަރު ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: މިނިސްޓަރ ރާފިޢު

11 ޖުލައި 2024

ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ކުޅިވަރުތައް ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެސޯސިއޭޝަންތަކުގެ އިދާރީ ކަންކަން ރަނގަޅު ނުވުމެވެ. މިކަން ހައްލުކުރުމަށް މިނިސްޓަރ ރާފިޢު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކުޅިވަރު ގާނޫނޫތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންނަ މަހު ފޮނުވާލެވޭވަރު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިވަގުތުވެސް ރާއްޖޭގެ ދެ އެސޯސިއޭޝަނެއްގެ އިދާރީ މައްސަލަތަކެއް ފެންމަތިވެ، ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ އެކަންކަން ތަހުގީގުކުރަމުންނެވެ. މިކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ރާފިޢު ވިދާޅުވީ ކުޅިވަރު ވުޒާރާއިން މި މައްސަލަތައް ގާތުން ބަލަމުން އަންނަކަމަށާއި، ވީހާވެސް އަވަހަށް މި މައްސަލަތަކަށް ހައްލެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިނިސްޓަރ ރާފިޢު ވިދާޅުވީ މިހާރަށް ވުރެން ބޮޑަށް ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން ކުޅިވަރު ވުޒާރާއިން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.