ކުޅިވަރު ދާއިރާ އަކީ ގަދަރުވެރި ބަޔަކު އުޅޭ ތަނަކަށް ހަދަން ޖެހޭ - މިނިސްޓަރ ރާފިޢު

17 މާރިޗު 2024

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަކީ  މުޖުތަމައު  ބަލައިގަންނަ ގަދަރުވެރި ބައެއް އުޅޭ ތަނަކަށް ހަދަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. 
 މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ކުޅިވަރު އެތުލީޓުން ބިނާކުރުމުގެ މަސައްކަތްކަމަށެވެ. މިގޮތުން ރަނގަޅު ދުރު ރާސްތާ ޕްލޭނަކާއިއެކު މިކަން ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި އެވެ. 
މިނިސްޓަރު ވިދާޅުވީ ކުޑައިރުއްސުރެ ކުޅިވަރުގެ ރީތި އަޙްލާގު ކުދިންނަށް ދަސްކޮށްދިނުން މުހިންމު ކަމަށާއި، ކުޅިވަރަކީ މީހުން ގަދަރުކުރާ ބައެއް އުޅޭ ތަނަކަށް ހަދަން ޖެހޭކަމަށެވެ. 
"އަޅުގަނޑުމެން މި ކަންކަން ކުރުމުގައި ކަލްޗަރަލް ޗޭންޖެއް އެބަ ގެންނަންޖެހޭ. މާނަ އަކީ ކުޑައިރުއްސުރެ ވަކި ބައްޓަމަކަށް ކުޅިވަރު ދަސްކޮށްދީ އޮލިމްޕިޒަމްގެ މާނަ އެކުދިންގެ ގައިގައި އަށަގަންނަން އެބަޖެހޭ. މީގެ މާނަ އަކީ ކުޅިވަރުގެ ތެރެއިން ކިޔެވުމާއި އުފާވެރިކަން ގެނެސްދީ އެ ކުދިންނަކީ ރިވެތި އާދަ އަށަގަނެ، ކުޅިވަރަކީ މުުޅި މުޖުތަމައު ގަދަރުވެރި ބައެއްގެ ގޮތުގައި އުޅޭނެ ތަނަކަށް ހަދަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.