ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ރިނބިދޫ ނާބެއަށް ދެއްވައިފި

04 ސެޕްޓެމްބަރު 2024

ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ރިނބިދޫ މުޙައްމަދު ނާސިރު (ނާބެ) އަށް ދެއްވައިފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި، މިއަދު ބޭއްވި ޤައުމީ އިނާމު ދިނުމުގެ ހަފުލާގައި މުހައްމަދު ނާސިރު (ނާބެ) އަށް ޝަރަފުވެރިކަމުގެ އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދު ޝަރަފްވެރިކަމުގެ ޤައުމީ އިނާމް ލިބިލެއްވި ނާސިރު އަކީ ރާއްޖޭގެ ގިނަ ކުޅިވަރުތަކެއްގެ އެންމެ ފޯރިގަދަ ދުވަސްވަރު ގިނަ ކުޅިވަރުތަކެއް ކުޅުއްވި ކުޅަދާނަ ހުނަރުވެރި އެކެވެ. މިގޮތުން 1970ގެ އަހަރުތަކާއި 1980ގެ އަހަރުތަކުގައި ފުޓްބޯޅަ، ޓީޓީ، ކްރިކެޓް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ވޮލީބޯޅަ އަދި ހޮކީ އާއި ބައިސްކަލް ރޭސް ފަދަ ކުޅިވަރުތައް ކުޅުއްވައި ގިނަ ކާމިޔާބީތައް ހޯއްދެވި އެވެ.
ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުކަމަށްވާ ފުޓްބޯޅަ ކުޅުއްވިއިރު، ނާސިރު ފާހަގަކުރެވުނީ ކުޅަދާނަ ޑިފެންޑަރެއްގެ ގޮތުގަ އެވެ. މިގޮތުން 1970 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމްވެސް ނާސީރު ހޯއްދެވި އެވެ.
ޤައުމީ ފުޓްބޯޅަ ޓީމުން އެންމެ ފުރަތަމަ ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްކަަމަށްވާ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ފުޓްބޯޅަ ޓީމްގައިވެސް ނާސިރު ކުޅުއްވި އެވެ.
މިހާރުވެސް ކުޅިވަރުގެ އެކި މުބާރާތްތަކުގެ މެޗުތައް ބައްލަވާލެއްވުމަށް ނާސިރު ދަނޑުތަކަށް ވަޑައިގަންނަވާކަން ފާހަގަކޮށްލެވެ އެވެ.