ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ދޮނާ އަށް ދެއްވައިފި

04 ސެޕްޓެމްބަރު 2024

ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަޙުމަދު މުޙައްމަދު (ދޮނާ) އަށް ދެއްވައިފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި، މިއަދު ބޭއްވި ޤައުމީ އިނާމު ދިނުމުގެ ހަފުލާގައި އަޙުމަދު މުޙައްމަދު (ދޮނާ) އަށް ޝަރަފުވެރިކަމުގެ އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ކުލަބު ކަމަށްވާ ކުލަބު ވެލެންސިއާ ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު މުޙައްމަދު (ދޮނާ) އަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ހިންގުމުގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅޭކެވެ. އޭނާ އަކީ މަރްހޫމް މުހައްމަދު ޒާހިރު ނަސީރު އިސްވެ އުފެއްދެވި ރާއްޖޭގެ ފުރަތަމަ ރަސްމީ އެކަޑަމީ، އެންއެސްއޭގެ ފުރަތަމަ ޖެނަރަލް ސެކެރެޓަރީ އެވެ.
މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖެއިން ވާދަކުރި އެންމެ ފުރަތަމަ މަލްޓި ސްޕޯޓްސް ގޭމްސްކަމަށްވާ 1979 އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ދިވެހި ކޮންޓިންޖެންޓުގެ ކަންކަން ހަމަޖެއްސުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އެވެ.
މީގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައިވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.