ކުލަބު މޯލްޑިވްސް 2025 ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އައު

30 އޯގަސްޓު 2025

ކުލަބު މޯލްޑިވްސް 2025 ފެށުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފުޓްސަލް ހަރަކާތް ފެށި ބޮޑުބެރުގެ ހަރަކާތްތަކާއި، މިއަހަރު ބާއްވާ މުބާރާތްތަކުގެ ޓްރޮފީ ދައްކާލުމާއެކުގައެވެ. އޭގެ ތެރެއިން ރޭ ފަށާފައިވަނީ ކްލަބް މޯލްޑިވްސް އިން އާ ފޯމެޓަކަށް ފެށި ކިންގްސް ކަޕް ފުޓްސަލް މުބާރާތެވެ.
މި މުބާރާތް ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިންނާއި ކޯޗުން ހޯދި ކާމިޔާބީ ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މޮޅު ކުޅުންތެރިންނަށް ހޮވުނު ފަރާތްތަކަށް ހާއްސަ ތާޖު އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މީގެ އިތުރުން ކޯޗުންނަށް އެރުވި ހަނދާނީ ފިލާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒްއެވެ.
ކިންގްސް ކަޕްގައި ރޭ ހަތަރު މެޗެއް ކުޅުނެވެ. މިގޮތުން މިދިޔަ އަހަރުގެ ޗެމްޕިއަން ވެމްކޯ އާއި ކުޅިވަރު ވުޒާރާ ވާދަކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމުނުއިރު، ޖޯލި މޯލްޑިވްސް އިން ވަނީ 6-3 އިން އާރުއާރުސީ ބަލިކޮށްފައެވެ. މައިލޯ ސިޓީ އިން ގޯލްޑަލް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ކާށިދޫ އަތުން 3-0 އިން މޮޅުވިއިރު، އޭދަފުށީ ސީސީ ސްޕޯޓްސް ކުލަބު އަތުން ނައިވާދޫ ވަނީ 4-1 އިން މޮޅުވެފައެވެ.