ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދުއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް ބައްދަލުވުމުގައި މިނިސްޓަރ ރާފިޢު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދުގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ވަނީ އެ ދާއިރާގެ ރަށްތައްކަމަށްވާ ކުޑަހުވަދޫ އާއި މާއެނބޫދޫގެ ކުޅިވަރުގެ ހާލަތާއި، އެ ރަށް ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެ ރަށުގައި މިވަގުތު ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢުވަނީ ކުޑަހުވަދޫގެ ދާއިރާގެ ކުޅިވަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެކަންކަމާއި، އެ ދާއިރާއަށް ބޭނުންވާ ކުޅިވަރުގެ އިތުރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ދާއިރާގެ ދެ ރަށުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދިޔުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.