ކޮމިޝަނަރ އޮފް ސްޕޯޓްސް، އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވައިފި

05 މޭ 2025

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް، އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ހަ ޓީމާއިއެކު ފެށި އެފްއޭއެމް ލީގު ކަޕަކީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ބާއްވާ ސީނިއާ ލެވެލްގެ ފުރަތަމަ މުބާރާތެވެ. އެފްއޭއެމް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރަން ޖެހުމުގެ ސަބަބުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އޮޑި ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މި މެޗު ނިމުނީ 0-0 އިން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލްއެވެ.
އެފްއޭއެމް މިހާރު ހިންގަމުން އަންނަނީ ނޯމަލައިޒޭޝަން ކޮމިޓީއިންނެވެ. ކޮމިޓީގެ ބެލުމުގެ ދަށުން އެފްއޭއެމްގެ އިދާރީކަންކަން ރަނގަޅުކޮށް، ނޯމަލައިޒްކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.
އެފްއޭއެމް ލީގު ކަޕްގައި ވާދަކުރާ ކުލަބުތަކަކީ މާޒިޔާ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު، އޮޑި ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، މަހިބަދޫ ސްޕޯޓްސް އަދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ.