ކަމަދޫ ދަނޑުގައި ޓާފް އަޅާ ކުޅިވަރުގެ ވައުދުތައް މިއަހަރު ފުއްދައިދޭނަން: ރައީސް އައު

11 އޯގަސްޓު 2025

ބ. ކަމަދޫގައި ކުޅިވަރު ކުރިއެރުވުމަށް ވެވަޑައިގެންނެވި ވަޢުދުތައް މިއަހަރުތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކަމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކަމަދޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ކަަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭނުންވާ ޓާފް ގެނެއުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. އަދި ޓާފް ލިބުނުހާ އަވަހަކަށް އެކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ވާނީ އެސްޓީއޯ މެދުވެރިކޮށް ބޭނުންވާ މެޓީރިއަލް ގެނެއުމަށް ބަޔަކާ ހަވާލުކުރެވިފަ ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީއާ ކަމާބެހޭ ކުންފުނިތަކާ އެކީގަ މިކުރެވޭ މަސައްކަތުން މިރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ޒުވާނުންނަށްވެފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ ދަނޑުގެ މަސައްކަތްކަމަށާއި، އެ މަސައްކަތް ފުރިހަމަކުރުމަށް ބޮޑު އިސްމަކެއް ދެއްވާނެކަމަށެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކަމަދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ބ. ކުޑަރިކިލަށެވެ.