"ކާމިޔާބީ ހޯދަން ބަލާއިރު، ފެންވަރު ރަނގަޅު ކޯޗުންވެސް ޤައުމީ ޓީމްތަކަށް ގެނައުން މުހިންމު"

22 އޭޕްރީލު 2025

ރަނގަޅު ކާމިޔާބީތައް ހޯދަން ބަލާއިރު، ފެންވަރު ރަނގަޅު ކޯޗުން ޤައުމީ ޓީމްތަކަށް ގެނައުން ވަރަށް މުހިންމުކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޤައުމީ ޓީމްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވާފައި މިވަނީ ޓީވީއެމުން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން މިވަގުތު އެކި މުބާރާތްތަކަށް ތައްޔާރުވާ ބައެއް ޤައުމީ ޓީމްތަކުގައި ތިބީ ބިދޭސީ ކޯޗުންނެވެ. މި ކޯޗުންނަކީ ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއިއެކު ހަމަޖައްސާފައިވާ ކޯޗުންނެވެ. މިގޮތުން މިމަހުގެ 24އިން 27 އަށް ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީމްގައި ހުރީ އިރާންގެ ކޯޗެކެވެ.
23 އަހަރުން ދަށުގެ ޤައުމީ ވޮލީބޯޅަ ޓީމަށް ގެނެސްފައިވަނީވެސް އިރާންގެ ކޯޗެކެވެ. އަނެއްކޮޅުން ސްވިމިން އެސޯސިއޭޝަނުންވެސް އެދިފައިވާ ގޮތަށް ސްވިމިން ޓީމަށްވެސް ބިދޭސީ ކޯޗެއްވަނީ ހަމަޖައްސައިދީފައެވެ.
ކުޅިވަރު ވަޒީރު ވިދާޅުވި އެސޯސިއޭޝަންތަކުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތަކަކީ ފެންވަރު ރަނގަޅު ކޯޗުން ގައުމީ ޓީމްތަކަށް ގެނައުންކަމަށާއި، މިއީ ކާމިޔާބީ ހޯދަން ބަލާއިރުވެސް މުހިންމުކަމެއްކަމަށެވެ. އެހެންކަމުން ކުޅިވަރު ވުޒާރާއިން މިކަމުގައި އެސޯސިއޭޝަންތަކަށް އެހީތެރިވަމުން ދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ ފެސިލިޓީއަކީ އަބަދުވެސް ލިމިޓްވެފައި ހުންނަ އެއްޗަކަށްވެދާނެކަމަށާއި، ނަމަވެސް ފެންވަރު ރަނގަޅު ކޯޗުންނަކީ، ޓީމުން ރަނގަޅު ނަތީޖާ ނެރުމާއި، ހުނަރު ތަރައްގީކުރުމަށް ބޭނުންތެރިކަމެއްކަމަށެވެ.