ކ. ދިއްފުއްޓާއި ހއ. މުރައިދޫގެ ދަނޑުގެ މަސައްކަތްތަކާއި ށ. ބިލެއްފަހީގެ އެފްއާރުސީ އެޅުމަށް އެމްޓީސީސީއާ ހަވާލްކޮށްފި

15 މާރިޗު 2025

ކ. ދިއްފުށި އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކާއި، ށ. ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ޤާއިމްކުރުމަށް އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ. 
 މިއީ ރަށް ރަށުގައި ހުއްޓިފައިހުރި ކުޅިވަރުގެ މަޝްރޫޢުތައް، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލްކޮށްގެން ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެފައިވާ ވަޢުދު ފުއްދުމުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވުނީ ތިން ރަށެއްގެ މަޝްރޫޢުތަކެވެ. އެއީ ކ. ދިއްފުށި، ހއ. މުރައިދޫ އަދި ށ. ބިލެއްފަހި އެވެ. 
އެމްޓީސީސީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިއްފުށީގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މީގެ އިތުރުން އެ ރަށުގެ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. ި މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 
މުރައިދޫގެ ދަނޑުގެވެސް ވަށާފާރާއި ދަނޑުގެ ފެންސުޖެހުމުގެ މަސަައްކަތް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑްރޭގް ބްރަޝް މެޝިން އާއި ބެންޗުތައްވެސް މި ކޮންޓްރެކްޓްގެ ދަށުން ހޯދަންޖެހެއެވެ. 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 
ށ. ބިލެއްފަހީގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ މަސައްކަތަކީ 4.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ނިންމަން ޖެހެނީ ހަ މަސްދުވަހުގެ ތެރޭގައެވެ.