ޖަރުމަންގެ ކުރީގެ ތަރި ލޫކަސް ޕޮޑޯލްސްކީ އާ، މިނިސްޓަރު ރާފިޢު ބައްދަލުކުރައްވައިފި

02 ޖެނުއަރީ 2024

ޖަރުމަނާއިއެކު 2024ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވާޑް ލޫކަސް ޕޮޑޯލްސްކީއާ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ރާފިޢު ޕޮޑޮލްސްކީއާ މި ބައްދަލުކުރެއްވީ އާ އަހަރު ފާހަގަކުރުމަށް ޕޮޑޮލްސްކީ ދިވެހިރާއްޖެ އައިސް ހޭދަކުރި ޗުއްޓީ ނިންމާލުމަށްފަހު، ފުރުމުގެ ކުރިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު ރާފިޢުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަރުމަންގެ ގައުމީ ޓީމްގެ ކުރީގެ ފޯވާޑާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތް މިނިސްޓަރ ރާފިޢު ވަނީ ޕޮޑޯލްސްކީއާ ހިއްސާކުރައްވާފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ހިއްސާކުރައްވައި، ފުޓްބޯޅަ ކުރިއެރުވުމަށް ޕޮޑޯލްސްކީއާއެކު ކުރެވޭނެކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ގައުމީ ޓީމްގެ ޖާޒީއެއްވެސް މިނިސްޓަރު ރާފިޢު ވަނީ ޕޮޑޯލްސްކީއަށް ހަދިޔާކުރައްވާފަ އެވެ.
49 ގޯލު ޖަރުމަންގެ ގައުމީ ޓީމަށް ޖަހައިދިން ލޫކަސް ޕޮޑޯލްސްކީއަކީ ގައުމީ ޓީމަށް ތިންވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2014ގެ ވޯލްޑް ކަޕް އުފުލާލުމުގެ އިތުރުން 2006ގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފަ އެވެ.