ޖަޕާންއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ވަރީރު ރާފިޢުއާ ބައްދަލުކުރައްވައިފި

12 ފެބްރުއަރީ 2025

ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި ވަޒީރު ރާފިޢު ވަނީ ޖަޕާންގެ އާ ސަފީރަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި އަދި ދިވެހިރާއްޖެއާއި ޖަޕާންއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދެ ޤައުމުން ގުޅިގެން ކުރެވޭނެކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. 
މިގޮތުން ކުޅުންތެރިންނާއި ކޯޗުންނަށް ތަޖުރިބާ ހޯދުމުގެ ދަތުރުތަކާއި، ތަމްރީންތައް ހޯދުމަށް ފުރުސަތުތައް މަގުފަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަޒީރު ވަނީ ސަފީރު އިޝިގާމީއާ މަޝްވަރާކުރައްވާފަ އެވެ. 
ރާއްޖޭގެ ގިނަ ކުޅިވަރުތަކަކުން ބޭނުންކުރަމުން އަންނަ އަދި ދިވެހިރާއްްޖޭގެ ކުޅިވަރުގެ އެންމެ މުހިންމު އެއް ވަސީލަތްކަމަށްވާ މާފަންނު ޒުވާނުންގެ މަރުކަޒަކީ ޖަޕާން ސަރުކާރުން ޤާއިމްކޮށްދެއްވި ތަނެކެވެ. މީގެ 33 އަހަރު ކުރިން ޖަޕާން ސަރުކާރުން ޤާއިމްކޮށްދެއްވި ޒުވާނުންގެ މަރުކަޒަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތް ބާއްވާ ހަމައެކަނި އިންޑޯ  ހޯލެވެ. 
ވަޒީރު ވިދާޅުވީ ޒުވާނުންގެ މަރުކަޒަކީ ދިވެހި ކުޅިވަރަށް ޖަޕާނުން ގެނެސްދެއްވި އިންގިލާބީ ކުރިއެރުމެއްކަމަށާއި، އެކަމަށް އަބަދުވެސް ދިވެހިރާއްޖެއިން ޝުކުރުވެރިވާނެކަމަށެވެ. 
މި ބައްދަލުވުމުގައި ޖަޕާންގެ  އާ ސަފީރު އިޝިގާމީ ވަނީ ދިވެހިރާއްޖެއިން ޖަޕާންއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ ޝުކުރުދަންނަވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަރުވައި އެހީތެރިވުމަށް އަބަދުވެސް އެހީތެރިވެދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ. 
އަންނަ އަހަރުގެ ޖަޕާންގެ އައިޗި ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްއަށް ދިވެހި ގިނަ އެތުލީޓުން ކޮލިފައިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ ސަފީރު ވަނީ މިހާތަނަށް ގޭމްސްއަށް ދިވެހިރާއްޖޭގެ ސާފިން ޓީމް ކޮލިފައިވެފައިވާތީ އެކަން ފާހަގަކުރައްވާ މަރުޙަބާ ދަންނަވާފަ އެވެ.