މޯލްޑިވްސް ޕޫލް އަދި ބިލިއަރޑް އެސޯސިއޭޝަނަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މަޙްލޫފް ވިދަޅުވީ މޯލްޑިވްސް ޕޫލް އަދި ބިލިއަރޑް އެސޯސިއޭޝަނާއެކު ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ފެސިލިޓީއާއެކު ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓް ކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ. އެގޮތުން މި ފެސިލިޓީ ނިމުމާއެކު ބިލިއަރޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ވެސް ރާއްޖެއިން ބިޑު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ބިލިއަރޑް އެސޯސިއޭޝަންގެ ރައީސް އަދި އެ އެސޯސިއޭޝަންގެ އެކްސްކޯއިން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ މަޙްލޫފް ވަނީ މި ފެސިލިޓީގެ ކުރެހުންތަކެއް އާއްމުކުރައްވާފައެވެ.