ހިތާދޫގައި އެންމެ ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑެއް މިއަހަރުގެ ތެރޭގައި ޤާއިމްކުރެވޭނެ: ރައީސް

13 އޯގަސްޓު 2025

ބ. ހިތާދޫގައި އެންމެ ފެންވަރު ރަގަނޅު ބޮޑު ފުޓުބޯޅަ ދަނޑެއް މިއަހަރުގެ ތެރޭގައި ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ހިތާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ހިތާދޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ފުޓުބޯޅަ ދަނޑުތައް ޤާއިމްކުރައްވަމުން ގެންދަވަނީ ހުރިހާ ކަމެއް ފުރިހަމަވާގޮތަށްކަމަށެވެ. މި ގޮތުން ދަނޑުގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުން ހިމެނޭހެން ހުރިހާ މަސައްކަތެއް ފުރިހަމަވާ ގޮތަށް ދަނޑުތައް ހެދުމަށް ހަވާލުކުރެވޭނެ ކަމަށެވެ.
ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ އިތުރުން ވޮލީކޯޓެއްވެސް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އާއި އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.