ބ. ތުޅާދޫގައި ހޭންޑްބޯޅަ ކޯޓަކާއި ފުޓްސަލް ދަނޑެއްގެ މަސައްކަތް މިއަހަރުތެރޭ ފަށައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ތުޅާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ތުޅާދޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަންހެން ބޭފުޅުންނަށް ޙާއްސަ ކުޅިވަރެއްގޮތުގަ ފާހަގަކުރެވޭ އަދި އެ ރަށުގެ އަންހެން ބޭފުޅުން އެދޭ ކަމެއް ކަމަށްވާ ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމެވެ. މިކަމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ކަމާބެހޭ ވުޒާރާއިން މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޭންޑްބޯޅަ ކޯޓުގެ އިތުރުން ފުޓްސަލް ދަނޑުގެ ސައިޒު ބޮޑުކޮށްދިނުމަށް ޒުވާނުން އެދިފައިވާކަމަށާއި، އާ ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.