ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ހދ.ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރުގެ ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އާއި ނެއްލައިދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް، ދަނޑުގައި ލައިޓް ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މަނަދޫގައި ގާއިމްކުރާ ޖިމް އަދި އެފްއާރުސީއާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެ ރަށުން ފާހަގަކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުންކުރައްވަމުން އަންނަ މަސައްކަތްތަކާއި، މި މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.