އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރަން
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް
އާމިރު އެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރު
އެވެ.
އދ.ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކުރުމަށް
އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 4،900،741.92 (ހަތަރު މިލިއަން ނުވަ ލައްކަ ހަތް
ސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ ލާރި) އަށެވެ.
އދ.ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން
އާރްޑީސީ އާ ހަވާލުކުރި މަސައްކަތްތަކަކީ، ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޓާފް
އެޅުމާއި، ލައިޓިންގ މަސައްކަތުގެ އިތުރުން ދަނޑަށް އިތުރު ކުރެވުނު ބައިގެ
ވަށާފާރު އަދި ފެންސް މަރާމާތުކުރުމެއެވެ. އަދި މީގެ އިތުރުން މުޅި ދަނޑުގެ ވަށާފާރާއި
ފެންސް މާރާމާތު ކުރުމާއި ދަނޑަށް އިތުރު ކުރެވުނު ބައިގައި ކާނުލުން އަދި ދެ ކާނު
ދޭތެރޭގައި ސްކްރީޑެއް އެޅުމާއި ގޭޓު ހަރުކުރަން އާރްޑީސީ އާއެކު ވެވުނު އެއްބަސްވުމުގައި
ވަނީ ހިމަނާފައެވެ.
މި މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް އާ
ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި 60 ދުވަހުގެ އިތުރުން
މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް
14 ދުވަސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް އިތުރަށް ލިބޭނެ އެވެ.