ހދ. ހަނިމާދޫގަައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ ބިންގާ އަޅައިފިއެވެ.
ހަނިމާދޫ (އެފްއާރުސީ) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އާއި ހަނިމާދޫ ކައުންސިލް ރައީސް އަބްދުއްސައްތާރު ހަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަނިމާދޫގައި ގާއިމު ކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެރޮބިކްސް ކުލާސްތަކާއި ބޯޑް ގޭމްސް ކުޅެވޭގޮތަށް ތަރައްގީ ކުރާ އިމާރާތެކެވެ. މި އިމާރާތުގައި މީޓިން ރޫމާއި ކުލާސްރޫމް އަދި އޮފީސް ބައެއްވެސް ހިމެނޭނެއެވެ.
ހދ. ހަނިމާދޫ އެފްއާރުސީއަކީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.