އެމްއޭސީއެލްއާ ހަވާލުކޮށްގެން މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް އެޅުމުގެ މަސައްކަތްކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން ނިންމާފައިވަނީ ބްރިޖު ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައިގެންނެވެ. އަދި މި ރޭސިން ޓްރެކް އެޅުމަށް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.
ރޭސިން ޓްރެކްގެ މަސައްކަތަކީ އެމްއޭސީއެލުން އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
"މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން މިއޮންނަ ހައިވޭގައި ހުންނާނެ ސޯލަރ ޕެނަލްތަކެއް. އެ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރޭސިން ޓްރެކް އެޅުމާ ގުޅޭ ގޮތުން ކުޅިވަރު ވުޒާރާގައި މިދިޔަ މަހުގެ ފަހުކޮޅުވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރޭސިން އެސޯސިއޭޝަން އާއި އެމްއޭސީއެލް އަދި ޕްލޭނިން މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހައިވޭގެ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީއެވެ. އަދި ރޭސިންގ ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީއެވެ.
ސަރުކާރުގެ އަމާޒަކީ ގިނަ ދުވަސްތަކެއްވަންދެން ހައްލުނުވެ އޮތް ރޭސިން ޓްރެކްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވަައިދެއްވުމެވެ.