ހއ. އުތީމު ކައުންސިލާ، ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި

13 މޭ 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ހއ. އުތީމު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އުތީމު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އުތީމު ކުޅިވަރު ހާލަތާ ގުޅޭ މައުލޫމާތު ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފަ އެވެ. އަދި މިވަގުތު އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާއި، އެ ރަށަށް ބޭނުންވާ ކުޅިވަރުގެ ކަންކަންވެސް ކައުންސިލުން ހިއްސާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެ ރަށުން ފާހަގަކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ދާއިރާގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ނިންމާފައިވާ ކަންކަން ކައުންސިލާ ވަނީ ހިއްސާކުރައްވާފަ އެވެ.