ހއ. ހޯރަފުށީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ހއ. ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޯރަފުށީގައި މިވަގުތު ނެތް ކުޅިވަރު ވަސީލަތްތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފުޓްސަލް ދަނޑެއް ކަމަށާއި، އެކަން އެ ރަށުގެ ކައުންސިލުންވެސް ވަރަށް ބޮޑަށް ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ރަށުގައި ފުޓްސަލް ދަނޑެއް މި ދަޢުރު ނިމުމުގެ ކުރިން އެޅުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފުޓްސަލް ދަނޑެއްގެ އިތުރުން އެ ރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށް ހޭންޑްބޯޅަ ކޯޓެއްވެސް އެ ރަށަށް ބޭނުންވާކަން ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން ފުޓްސަލް ދަނޑާއިއެކު ހޭންބޯޅަ ކޯޓު ހިމެނޭހެން ކުޅިވަރު ވަސީލަތްތައް އެ ރަށުގައި ގާއިމްކޮށްދެއްވާނެކަމަށެވެ.