އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދުމަށްފަހު ފާތިމަތު ދީމާ އަލީ މާލެއައުމުން އޭނާއަށް ހާއްސަ މަރުހަބާއެއް ކިޔައިފި އެވެ.
ނޭޕާލްގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ރީޖަނަލް ކޮލިފިކޭޝަނުން އެއްވަނަ ހޯދުމަށްފަހު ދީމާ މާލެއައުމުން އޭނާއަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންވެސް އެއާޕޯޓަށް ވަޑައިގެން ދީމާއަށް މަރުޙަބާ ދެންނެވި އެވެ.
ދީމާ އަށް މަރުޙަބާ ކިޔުމުގެ ރަސްމީ ހަރަކާތް އޮތީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގަ އެވެ. ދިމާ އަށް މަރުޙަބާ ކިޔުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި، އެކި ކުޅިވަރުތަކުގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ބައިވެރިވި އެވެ.
މި އިވެންޓްގައި ވާހަކަ ދައްކަވަމުން ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މި ކާމިޔާބީ ހޯދުމަށް ދީމާ ވަރަށް ގިނަ ގުރުބާނީތަކެއްވެފައިވާނެކަމަށާއި، ތަމްރީނުތަކަށް ރާއްޖޭން ބޭރަށް ދަތުރުކޮށް، ގާތްތިމާގެ މީހުންނާއި ކޮމިޔުނިޓީއާ ދުރުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވާކަން އޭނާގެ މައިންބަފައިން ފާހަގަކޮށްފައިވާކަމަށެވެ.
"މި ހުރިހާ ކަމެއް ތަހައްމަލުކޮށްގެން އަޅުގަނޑުމެންގެ ގައުމު ފަހުރުވެރިވާ ދަރަޖައަކަށް ގެނެސްދެއްވީތީ ދީމާގެ ޕޭރެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން."
މިނިސްޓަރ ވިދާޅުވީ ހާޑް ވޯކް، ޑެޑިކޭޝަން، އަދި ޑިޓާމިނޭޝަން، މިއީ އެތުލީޓެއް ހަނދާން ނައްތާލައިގެން ވާނެ ބަސްތަކެއް ނޫންކަމަށާއި، ހިތްވަރާއިއެކު މަސައްކަތްކޮށްގެން އެހެން ކުޅިވަރުތަކުންވެސް ކާމިޔާބީތައް ހޯދޭނެކަމަށެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ދީމާ ހޯދިއިރު، މީގެ ކުރިން ރާއްޖެ އަށް މުޅިން ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތެވެ.