ފުޓްބޯޅަ ދަނޑަކާއިއެކު މިއަހަރު ގިނަ މަޝްރޫއުތަކެއް ފެހެންދޫއަށް! އައު

13 އޯގަސްޓު 2025

ބ. ފެހެންދޫގައި މިއަހަރުގެ ތެރޭގައި ކުޅިވަރުގެ ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ފެހެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރުގެ ދާއިރާއިން ފެހެންދޫގައި ކުރިޔަށް ގެންދަންހުރި ކަންތައްތަކުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަވެފައިވާ ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ޓާފް އެޅުމުގެ އިތުރުން، ވަށާ ފާރު ރޭނުމާއި، ފެންސް ޖެހުން އަދި ލައިޓް ޖެހުމުގެ މަސައްކަތެވެ.
ފުޓްބޯޅަ ދަނޑުގެ އިތުރުން ފުޓްސަލް ދަނޑުގެ ޕިޗް އައު ކޮށްދިނުމާއި، ވޮލީ ކޯޓެއް އަޅައިދިނުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެރަށުގައި ގާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހުރިހާ މަޝްރޫއުތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ފުލް ސައިޒުގެ ފުޓްބޯޅަދަނޑެއް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ލައިޓްޖެހުމާއެކީގައި ހުރިހާ ކަމެއް ފުރިހަމަވާ ފުޓްބޯޅަ ދަނޑެއްހަދައި ދިނުމަށާއި އަދި މިރަށުގައި އެޅިފައިވާ ފުޓްސަލް ދަނޑުގެ ޕިޗް އައު ކޮށްދިނުމާއި އަދި ވޮލީކޯޓެއް އަޅައިދިނުމާއި އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކޮށްދިނުމާއި މި ހަތަރު މަޝްރޫއު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު ފަށައިދޭނަން“ ރައީސް ވިދާޅުވިއެވެ.
މި ހުރިހާ މަޝްރޫޢުތަކުގެ އިތުރުން އައުޓްޑޯ ޖިމެއް އަޅާދެއްވާނެ ކަމަށާއި އެމަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.